މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެކްރެޑިޓޭޝަން ލިބިއްޖެއެވެ.
މިއީ ރާއްޖޭގެ މުއައްސަސާއަކަށް ޖީސީއެފްގެ "ޑައިރެކްޓް އެކްސެސް އެންޓިޓީ"ގެ ދަރަޖަ ލިބުނު ފުރަތަމަ ފަހަރެވެ.
އެމްއެފްއެލްސީގެ އެކްރެޑިޓޭޝަން ފާސްކޮށްފައިވަނީ ދެކުނު ކޮރެއާގެ ސޮންގްޑޯގައި ބޭއްވި ޖީސީއެފްގެ ބޯޑުގެ 46 ވަނަ ބައްދަލުވުމުގައެވެ.
މި ކާމިޔާބީ ހާސިލުކުރެވުނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެމްއެފްއެލްސީ ގުޅިގެން ކުރި މަސައްކަތުންނެވެ.
ޖީސީއެފްއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ފަންޑެވެ.
ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޖީސީއެފް ސެކްރެޓޭރިއެޓްގެ އިރުޝާދުގެ ދަށުން އެމްއެފްއެލްސީއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެގޮތުން، އެ ކުންފުނީގެ ހިންގުމުގެ ނިޒާމާއި ފަންނީ މިންގަނޑުތައް ޖީސީއެފްއިން ކަނޑައަޅާފައިވާ ފެންވަރަށް ގެނެސް، މުއައްސަސާގެ ޤާބިލުކަން ވަނީ އިތުރުކޮށްފައެވެ.
މި އެކްރެޑިޓޭޝަންގެ ސަބަބުން ބައިނަލްއަޤްވާމީ އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ރާއްޖޭގެ އިދާރާތަކުން ސީދާ ޖީސީއެފްއާ ގުޅިގެން މަޝްރޫޢުތައް އެކުލަވާލައި ހިންގުމުގެ ފުރުސަތު ލިބޭނެއެވެ.
ކުރިއަށް އޮތް ތަނުގައި އިއާދަކުރަނިވި ހަކަތަ، ހަކަތަ އިޤްތިޞާދުކުރުން، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރު، އަދި ފެނުގެ ރައްކާތެރިކަން ފަދަ ދާއިރާތަކުގެ މަޝްރޫޢުތަކަށް މާލީ އެހީ ހޯދުމަށް، ޤައުމީ ޕްލޭންތަކާ އެއްގޮތަށް އެމްއެފްއެލްސީއިން މަސައްކަތްކުރާނެއެވެ.
ބައިނަލްއަޤްވާމީ ފަންޑުތަކަށް ސީދާ ވާސިލުވުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.




