ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް ބަދޫރާ ސައީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ބަދޫރާއަކީ ޖިއްދާގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ކަނބަލެވެ.
މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ބަދޫރާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. 1988 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ހިދުމަތާ ގުޅިވަޑައިގެންނެވި ބަދޫރާއަކީ ރާއްޖޭގެ ފޮރިން ސާވިސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ފާހަގަކޮށްލެވޭ ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެކުރިން ސައުދީގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލާ އަދި ހެޑް އޮފް ޗާންސެރީގެ މަގާމުގެ އިތުރުން، އިންޑިއާގެ ތިރުވަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ. މީގެއިތުރުން ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް ބަދޫރާ ވަނީ އަދާކުރައްވާފައެވެ.




