ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ކުރިން އިއުލާން ކުރެއްވީ މާދަމާގެ ވަގުތެއްގައި ހުކުމް އިއްވުމުގެ މަޖިލިސް އޮންނާނެ ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކުރި މައްސަލަތަކުގެ ތެރޭގައި އެ މައްސަލަ ހިމަނާފައި ނުވާއިރު، އަޑުއެހުން ނޯންނާނެ ކަން ވަކީލުންނަށް ވެސް ވަނީ އަންގާފައެވެ. އަދި ޝަރީއަތުގެ މަޖިލިސް ފަސްކުރި ވަކި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއަށް ރައީސް ޔާމީން މުޅިން އިންކާރު ކުރައްވާފައިވެއެވެ. ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވެސް ޔާމީން ވިދާޅުވެފައި ވަނީ އެއީ އެއްވެސް އަސާސެއް ނެތި އުފުލާފައިވާ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. ނަމަވެސް، ދައުލަތުން ވަނީ ރިޒާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައެވެ. އަދި ސަންގެ ދެ ކުންފުނީގެ މައްޗަށް ކުރި ދައުވާތައް ޝަރީއަތުން ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.




