ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާކުރެއްވުމަށް އެދި ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. މަގާމުން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނީ މި އަހަރު ނިމުމުންނެވެ.

ނަމަވެސް ރިޓަޔާކުރެއްވުމަށް އެދިވަޑައިގަތް ސަބަބެއް އަދި ރަސްމީ އިދާރާއަކުން މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޙުކުމްކުރި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އެ މައްސަލައިގެ ޙުކުމަށްފަހު، އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.

ޝަރުޢީ ދާއިރާގައި ފަނޑިޔާރު ޢަލީ ރަޝީދު މަސައްކަތްޕުޅު ފެއްޓެވީ 2007 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އެމަނިކުފާނު ވަނީ ސިވިލް ކޯޓުގެ އިސް ޤާޟީކަމާއި، ޑްރަގް ކޯޓު އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.

2002 ވަނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި ފަނޑިޔާރު ޢަލީ ރަޝީދު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަރސިޓީން މާސްޓަރ އޮފް ޝަރީޢާ ވެސް ފުރިހަމަކުރައްވާފައެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުގައި ޤާނޫނީ ދާއިރާއިން ކިޔަވައިދެއްވުމުގެ އިތުރުން، ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމުގައި ވެސް ދައުރު އަދާކުރައްވާފައެވެ.

މީގެކުރިން އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު ރިޓަޔާކުރައްވާފައެވެ. އޭގެކުރިން ފަނޑިޔާރު ސުޢޫދު ރިޓަޔާކުރައްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް