މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ކައުންސިލަރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބަދަލުތައް ފާސްކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމަށްފަހު، އެ ރިޕޯޓުގައިވާ ގޮތަށެވެ. ރިޕޯޓު ފާސްކުރުމަށް 42 މެންބަރުން ވޯޓު ދެއްވިއިރު، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ މުސާރަ ބޮޑު ނުކުރުމަށެވެ.

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް 22،000 ރުފިޔާގެ އިތުރު އެލަވަންސެއް ހަމަޖައްސާނެއެވެ. މިހާރު މަޖިލީހުގެ ރައީސަށް މަހަކު ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާ ކަމަށާއި، މި ބަދަލާއެކު ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

މިހާރު މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މެންބަރުންނަށް ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާ ލިބޭ ކަމަށާއި، މި ބަދަލަކީ އެ ފަރަގު ހަމަޖެހިގެންދާނެ އިސްލާހެއް ކަމަށް ކޮމިޓީގެ އިދާރީ މޭޒުން ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރަން މިއަދު ފާސްކޮށްފައިވެއެވެ. އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މުސާރައަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމުން، މަހަކު ލިބިވަޑައިގަންނަވާނީ 95،125 ރުފިޔާއެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. ތާއީދުކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފްއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައަށް ބަދަލެއް ނުގެނެސް، އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުގެ އެލަވަންސް ޕެކޭޖު 7،500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ވެސް ފާސްކޮށްފައިވެއެވެ. މި ބަދަލާއެކު ވަޒީރަކަށް ލިބިވަޑައިގަންނަވާ މުސާރައާއި އެލަވަންސްތަކުގެ ޖުމުލަ 58،500 ރުފިޔާއިން 75،500 ރުފިޔާއަށް އަރާނެއެވެ.

އެ ޕެކޭޖުގައި ހިމެނޭ ޕެޓްރޯލް އެލަވަންސް 1،000 ރުފިޔާއިން 2،000 ރުފިޔާއަށާއި ޑްރައިވަރުގެ މުސާރަ 6،500 ރުފިޔާއިން 12،000 ރުފިޔާއަށް ބޮޑުކޮށް، ޑްރައިވަރުގެ ލިވިންގ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ އިތުރުކުރާނެއެވެ. ކޮމިޓީން ފާހަގަކޮށްފައިވަނީ، 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ބައެއް ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ ވަޒީރުންނަށް ލިބޭ މުސާރައަށްވުރެ ބޮޑުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށު ކައުންސިލަރުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ފާސްކޮށްފައިވެއެވެ. މިއާއެކު ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާއިން 25،000 ރުފިޔާއަށް އަދި ކައުންސިލް މެންބަރުންގެ މުސާރަ 18،000 ރުފިޔާއިން 23،000 ރުފިޔާއަށް ބޮޑުވާނެއެވެ.

ކޮމިޓީގައި މި ބަދަލުތަކާ ދެކޮޅު ހައްދަވައި، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ދުނިޔޭގެ މިހާރުގެ ހާލަތުގައި މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މި ބަދަލުތައް ގެންނަން ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ބޭރުކޮށްލިއެވެ.

ރިއެކްޝަންސް

ކޮމެންޓް