2040 ގެ ތަސައްވުރު ހާސިލުކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސް މުޢިއްޒު ދަޢުވަތު ދެއްވައިފި

2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު މި ދައުވަތު ދެއްވީ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑެތި ފުރުސަތުތަކެއް ފަހިވެފައިވެއެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ އޯގަސްޓުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް އެތެރެކުރި 440 މިލިއަން ޑޮލަރުގެ މުދަލުގެ ތެރެއިން 124 މިލިއަން ޑޮލަރުގެ މުދަލަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެތެރެކުރި މުދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ޑިޖިޓަލް އިގްތިސާދެއް ބިނާކުރެވެމުންދާއިރު، އަލިޕޭ އަދި ވީޗެޓްޕޭ ފަދަ މަގުބޫލު މަންސަތައް މެދުވެރިކޮށް ފަތުރުވެރިންނަށް ޚަރަދުކުރަން ފަސޭހަވެ، ވިޔަފާރިތައް ފުޅާވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ދެފުށް ފެންނަ ގޮތަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިވެފައިވާތީ، ޗައިނާގެ ތަޖުރިބާއާއި އިނޮވޭޝަނާއެކު ރާއްޖޭގެ 2040 ގެ ތަސައްވުރުގެ ބައިވެރިއަކަށްވުމަށް ރައީސް ވަނީ އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް