މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސަކީ ދީނީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސް ދާއިރާގެ މާހިރުން އެއްތަނަކަށް އެއްވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
"އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިޤްތިޞާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ މުއައްސަސާތަކުގެ މެދުގައިވާ ގުޅުން ބަދަހިކުރުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުމެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އެއަށްފަހު، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) ވަނީ އިފްތިތާޙުކޮށްފައެވެ. އެ ޕްލޭން އިފްތިތާޙުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާޠިމަތު އަމީޒާއެވެ.
މި އެކްޝަން ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީކޮށް ހަރުދަނާކުރުމަށާއި، ޒަކާތް ދެއްކުންތެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ މަޝްރޫޢުތައް ފުޅާކުރުމަށް އިސްކަންދީގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.
މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މި ރަސްމިއްޔާތަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ. ވަޒީރުގެ މެސެޖު އިއްވަވައިދެއްވީ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢާޝިޔާ ޞާލިޙެވެ.
ވަޒީރުގެ މެސެޖުގައި، ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރަށް އަލިއަޅުއްވާލައްވައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، ޖަވާބުދާރީވުމާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އިންޒެކް 2026 ގައި ތިން ސެޝަނެއް ހިމެނޭއިރު، ކޮންމެ ސެޝަނެއްގައި ވެސް މައިގަނޑު ތަޤްރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި މަޝްވަރާކުރެވޭ މައުޟޫޢުތަކުގެ ތެރޭގައި، ޢާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ޙާލަތްތަކުގައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ޒަކާތް ލިބޭ ފަރާތްތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމަޢަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތައް ހިމެނެއެވެ.
މި ކޮންފަރެންސް މެދުވެރިކޮށް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް މަގުފަހިކުރުމާއި، ފަޤީރުކަން ކުޑަކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް ޢަމަލީ ޙައްލުތަކެއް ހޯދުމެވެ.




