މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ރައީސް މުޙައްމަދު ފަރުޝަތު، ކޮމިޝަންގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި ސިޓީގައި ވަނީ، މީޑިއާ ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވައި ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެކަން ހައްލުވެފައި ނުވާ ކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން ކޮމިޝަންގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަޤާމުން އިސްތިއުފާ ދޭން ނިންމި ކަމަށް ސިޓީގައި ވެއެވެ.
މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރީ މިދިޔަ އަހަރު އޮކްޓޯބަރު 27 ގައެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ ގޮތުގައި ފަރުޝަތަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ.




