ދައުލަތަށް ލިބޭ ފައިސާއިން އަމިއްލަ ޖީބު ބޮޑުކުރުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވީ ޤައުމުގެ ދަރަނިތައް ދައްކަވައި، އިޤްތިޞާދު ބަނގުރޫޓުވިޔަނުދީ ނަގައި ކޮޅަށް ޖެއްސެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުގެ ބަހުސްގެ ތެރެއިންނެވެ. ބަހުސްގައި ސަރުކާރުން ދައުލަތުގެ ފައިސާ ބޭނުންކުރާ ގޮތާމެދު މެންބަރުން ސުވާލު ކުރައްވަމުންދާތީ، ސީދާ ބަހުސްގައި ބައިވެރިވެވަޑައިނުގަނެވުނު ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާތީ އެމަނިކުފާނު ވަނީ އެކަމަށް އަލިއަޅުއްވާލައްވާފައެވެ.
އަބްދުއްރަޙީމް ވިދާޅުވީ ދައުލަތަށް ފައިސާ ލިބުމުން އެކި ބޭފުޅުން އެ ފައިސާ ބޭނުންކުރައްވަނީ އެކި ގޮތްގޮތަށް ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން އަމިއްލަ ޖީބު ބޮޑުކޮށް ކުންފުނިތައް މުއްސަނދުކުރި ނަމަވެސް، ރައީސް ޑރ. މުޢިއްޒު ކުރެއްވި ހަމައެކަނި ކަމަކީ ބަނގުރޫޓުވުމުގެ ހާލަތުގައި އޮތް ޤައުމު ސަލާމަތްކުރައްވައި ދަރަނިތައް ދެއްކެވުން ކަމަށް ވިދާޅުވިއެވެ.
އަދި މިއަދު ދިވެހިރާއްޖެ ސަލާމަތުން އޮތީ ދައުލަތަށް ލިބުނު ފައިސާ ރައްޔިތުންނާއި ޤައުމުގެ އެންމެ މަތީ މަސްލަހަތަށް ހަރަދުކުރުމުން ކަމަށާއި، ޓެކްސް ފައިސާ ބޭނުންކޮށްގެން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ އެންމެ މުހިންމު ކަމަކީވެސް އެއީ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.




