ރަސްމާލޭގެ ބިޔަ މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ޢަމަލުކުރާނެ ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.
ގައުމީ މަޖިލީހުގެ 60 އަށް ވުރެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 އަށެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅޭގޮތުން ޕާޓީގެ ރަސްމީ ސިޔާސަތު ކަނޑައެޅުމެވެ.
މި މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މިދިޔަ ހުކުރު ދުވަހު ނުރަސްމީކޮށް ވެސް މި މައްސަލައިގައި މަޝްވަރާކޮށްފައެވެ.
ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އުސޫލީ ގޮތުން ރެޒިޑެންސީ ޕްރޮގްރާމަކަށް ރާއްޖެ ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ކޮންޓްރެކްޓް ހާމަނުކުރާ ކަމަށާއި، ސަރުކާރުން އެ ކޮންޓްރެކްޓް އަވަހަށް މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކަވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ ނުސީދާ އިންޒާރެއް ވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ ކަމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވެފައިވަނީ، މިފަދަ މަޝްރޫޢުތަކަށް އެމްޑީޕީން ދީލާލައިގެން ނުވާނެ ކަމަށާއި، އެކަމާ ދެކޮޅަށް ޕާޓީން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ރަސްމާލެ އެއްބަސްވުމާ ގުޅިގެން އެމްޑީޕީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ، އެ މުޢާމަލާތުގައި ހިމެނޭ ހުރިހާ ކަމެއް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ، ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށެވެ.




