ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ކުންފުންޏާ ހަވާލުކުރި މަސައްކަތެއް ފުރިހަމަނުކޮށް، އަދި އެ މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން ދީނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހެވެ.
އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ކުށުގެ އަސާސީ އަދަބު ދިނުމަށެވެ. މިއީ ބޮޑު އަދަބެއް ދޭންޖެހޭ ކުށެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލަހައްޓާ މީހަކަށް ވެފައި، މި ކަމުން އޭނާއަށް ސީދާ މަންފާއެއް ލިބިފައި ނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުން ނުވާ ކަމަށް ބުނެއެވެ.
ދީނާގެ ވަކީލު އެދުނީ އޭނާގެ މައްޗަށް އެންމެ ލުއި އަދަބު އިއްވުމަށެވެ. އެގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދުގެ އަދަބަށް ބަދަލުކޮށްދޭން ވަކީލު އެދުނެވެ. ވަކީލު ވިދާޅުވި ގޮތުގައި ދީނާއަކީ ބަލި މީހެކެވެ. އޭނާގެ ނޭވާލާ މައްސަލަތަކެއް ހުންނާތީ ވައި ބަންދުވާ ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ.
ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. އެގޮތަށް ނިންމެވީ ދީނާއަކީ ޖަލުގައި ނުބެހެއްޓޭނެ ވަރުގެ މީހެއް ކަމަށް އެއްވެސް ޑޮކްޓަރަކު ލިޔުމެއް ދީފައި ނެތުމުންނާއި، އޭނާ ކުރި ކުށަކީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ކުށަކަށް ވާތީއެވެ. ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭރު ދީނާގެ މައްޗަށް ހުކުމް ނުކުރެވުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުންނެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ހުރިހާ ގޮފިތަކެއްގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ދީނާގެ މައްޗަށް އުފުލި އިތުރު ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.




