ވިލުފުށީ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލި ފަރާތްތަކަށް ލިބުނު ޕޮއިންޓު ޢާންމުކޮށްފި

ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް، އެ ފަރާތްތަކަށް ލިބުނު ޕޮއިންޓު ޢާންމުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރާ މި ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް ނިންމާފައިވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު G-34/2025 އާ އެއްގޮތަށް ކަމަށެވެ. ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެއެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެކަން ހުށަހެޅުމުގެ ފުރުޞަތު ރަސްމީ 10 ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00 އެވެ. އެ މުއްދަތު ހަމަވުމަށްފަހު ނުވަތަ ޕޯޓަލް ފިޔަވައި އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާނުކުރާނީ ޝަކުވާތައް ބަލައި ނިމުމަށްފަހުގައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ 4004900 ނަންބަރު ފޯނަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

މި ޔުނިޓުތަކަށް އެދުމުގެ ފުރުޞަތު މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލުމުން 200 އަށްވުރެ ގިނަ ފަރާތުން ވަނީ ކުރިމަތިލާފައެވެ. ފޯމުތައް ރިވިއުކޮށް ޕޮއިންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ މިނިސްޓްރީއާއި ވިލުފުށިން ހޮވާލެވުނު ޓީމެއް ހިމެނޭ ޚާއްޞަ ކޮމިޓީއަކުންނެވެ.

1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވިލުފުށީގައި 100 ރޯހައުސް އެޅުމުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގައެވެ. ނަމަވެސް ކޯޓު މަރުޙަލާތަކަކާ ގުޅިގެން 5 އަހަރު ދުވަހުގެ މެދުކެނޑުމެއް އައުމަށްފަހު، އެ މަސައްކަތް އަލުން ފެށުނީ 2019 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ހުރިހާ ރޯހައުސްތަކުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ރިއެކްޝަންސް

ކޮމެންޓް