ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19ގައި ބާއްވަން ނިންމައިފި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވެސް އޮންނާނެއެވެ. މިއީ ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމެކެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.

އަދި މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ވެސް ދެއްވާނެއެވެ. މިއީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ އިނާމެކެވެ. މި އިނާމުގެ ގޮތުގައި ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ކުރިން ބާއްވަވަނީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭގައެވެ.

ރިއެކްޝަންސް

ކޮމެންޓް