ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

ސައުތު ސެންޓްރަލް ޕޮލިސް ދާއިރާއަށް ނިސްބަތްވާ ރަށެއްގެ ސްކޫލެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.

ދެ ޓީޗަރުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ދެ މައްސަލައެއްގައެވެ. ދެ މައްސަލަވެސް ރިޕޯޓުކޮށްފައިވަނީ މި މަހުއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ރަށުގައި ސްކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަނެއް މައްސަލައަކީ، ހަމަ އެ ސްކޫލުގެ އެހެން ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ތަހުގީގުކުރުމަށްޓަކައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް