އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް އިގުތިސާދީ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އިންތިޒާމުގެ ދަށުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ. އަދި ލިބޭ ޑޮލަރު ބޭނުންކޮށްގެން ކާޑު މެދުވެރިކޮށް ނުވަތަ ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތްތަކަށް، އަދި ވިޔަފާރިތަކުގެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ މަގުވެސް ނޮވެމްބަރު 1 އިން ފެށިގެން ފަހިވެގެންދާނެއެވެ.
މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އާމްދަނީ އިތުރުކޮށް، މާލީ ގޮތުން ބާރުވެރިވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެސްއެމްއީ ވިޔަފާރިތަކަށް މިހާތަނަށް 795 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށް، 1،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ހާމަކުރެއްވިއެވެ. މީގެއިތުރުން "ޔޫތު އެންޓްރަޕްރިނިއަރޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




