މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

"މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ ދަށުން ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.

މި މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އަމިއްލަ ގޮތުން ޓީމު ހަދައިގެން ވާދަކުރަން އެދޭ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭއިރު، ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނިދާނެއެވެ.

ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތް ނިމުމުން އެންމެ މޮޅު 3 ބަހުސްކުރުންތެރިންނާއި އެންމެ މޮޅު 3 ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ރިއެކްޝަންސް

ކޮމެންޓް