ފުނަދޫ އަލިފާން ކޮންޓްރޯލްކޮށްފި، 18 މީހަކަށް ފަރުވާ ދެނީ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވީ، މި ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ ސަރަހައްދާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ގޭގޭގައި ދިރިއުޅޭ މީހުން ވަނީ ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ އޯޕީޑީގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި، ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކަށް ޚިދުމަތް ދޭން ނިންމާފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުންނަ ފުނަދޫ ސްކޫލަށް ދުމުގެ އަސަރު ބޮޑަށް ކޮށްފައިވާތީ، މިއަދު އެ ސްކޫލް ވަނީ ބަންދުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ދަނީ ކުރަމުންނެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

ރިއެކްޝަންސް

ކޮމެންޓް