މ. ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ 56 އިންސައްތަ މަސައްކަތް ނިމިއްޖެ

މ. ދިއްގަރުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ސީލިންގ ފްރޭމް އެޅުމުގެ މަސައްކަތްތަކެވެ.

މީގެ ކުރިން ފައުންޑޭޝަން މަސައްކަތްތަކާއި، ރޫފް ބީމް ރީއިންފޯސްމަންޓާއި ޝަޓަރިންގ އެޅުމުގެ މަސައްކަތުގެ އިތުރުން ރޭނުމުގެ މަސައްކަތާއި ރޫފް ޓްރަސް އެސެމްބްލީގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ރަށު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނުވައި، ކުޅިވަރާއި ކަސްރަތުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ދިއްގަރުގައި މި ތަރައްޤީކުރެވޭ ފިޓްނަސް ސެންޓަރުގެ ޚިދުމަތް ފެށުމުން، އެ ރަށުގެ ހުރިހާ ޢުމުރުފުރައެއްގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް، އެއް ފުރާޅެއްގެ ދަށުން ކަސްރަތުކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް