އދ. ފެންފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

އދ. ފެންފުށީގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، އިމާރާތުގެ ފައުންޑޭޝަން ފުޓިން ކޮންކްރީޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޖުމްލަ 1.17 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު ހުރި އޮފީސް އިމާރާތް މަރާމާތުކޮށް ރެނޮވޭޓް ކުރުމާއި، ނުރައްކާތެރި ކުނި ވަކިން ރައްކާކުރާނެ ހާއްސަ ތަނެއް ގާއިމުކުރުމުގެ އިތުރުން ވެއާހައުސްއެއް ބިނާކުރުން ހިމެނެއެވެ. މީގެއިތުރުން މަރުކަޒުގެ ވަށާފާރު ރޭނުމާއި، ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތްތައްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.

ގާތްގަނޑަކަށް 1,220 މީހުންގެ އާބާދީއެއް އޮންނަ ފެންފުއްޓަކީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވުމުން، އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުވުމަކީ އެ ރަށަށް ނުހަނު ބޭނުންތެރި ކަމެކެވެ. މި މަރުކަޒާއެކު ރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި މެހެމާނުންނަށްވެސް ހިތްފަސޭހަ މާހައުލެއް ބިނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

ކޮމެންޓް