ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގުމަށް ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ ދެކޮޅު ނުހެދުމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީއަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އެމްޑީޕީން ރަސްމީ ސްޓޭންޑެއް ނެގުމަށް ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ޕޯލެއް ނަގަމުން ދިޔަ ވަގުތުއެވެ. އެ ބައްދަލުވުން ބާއްވައިދިނުމަށް އެދި 66 މެންބަރަކު ވަނީ ޕޯލަށް ވޯޓު ދީފައެވެ.
އެ ގްރޫޕަށް ފޮނުއްވި މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އީގަލް ހިލްސްގެ މަޝްރޫޢަކީ ރާއްޖެއަށް ފައިދާހުރި ރަނގަޅު މަޝްރޫޢެއް ކަމަށެވެ. އުސޫލެއްގެ ގޮތުން މި މަޝްރޫޢަށް ތާއީދުކުރެވޭ ކަމަށާއި، މި މަޝްރޫޢާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައިވާ ވަރަށް ވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަލައްބާރާއި ޔަހޫދީންނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތް. އަލައްބާރަކީ ޔޫއޭއީ ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ. އޭނާގެ އިސްރާއީލު ރަހުމަތްތެރިން ތިބެދާނެ، އެހެން ނަމަވެސް އޭނާއަކީ ޔަހޫދީންގެ މަސްލަހަތު ކުރިއަރުވާ މީހެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އެފަދަ ހަނި ވިސްނުމެއް ގެންގުޅެފިނަމަ، އޭގެ ގެއްލުން ކުރިމަތިވާނީ ޕާޓީއަށް ކަމަށެވެ.
"ތަކުރާރުކޮށް ދަންނަވާނަން، މިއީ އެމްޑީޕީއަށް ވަރަށް ގެއްލުން ހުރި ކަމެއް. ޔޫއޭއީއަކީ އެމްޑީޕީގެ ގާތް ގައުމެއް. އަޅުގަނޑުމެން މި ހަދާ ގޮތުން ޔޫއޭއީ ޕީއެންސީއަށް ދެވުނީ،" ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން، ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާޢީލްގެ ފެކްޝަނުގެ ގިނަ މީހުން ވެސް ވަނީ ނަޝީދުގެ ވާހަކަތަކާ ދެކޮޅަށް އެ ގްރޫޕަށް މެސެޖުތައް ކޮށްފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު، ގާނޫނީ ވަކީލު މަޙްފޫޒު ސަޢީދު ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫޢާ ދެކޮޅަށް ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން އަޑުއުފުލާނެ ކަމަށާއި، މިކަމާ ގުޅިގެން އެއްވެސް މެންބަރަކަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ފާއިތުވި ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢު ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ.




