އދ. އަކީ އިތުބާރުކުރެވޭ މުއައްސަސާއަކަށް ވާންޖެހޭ: ރައީސް

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އަކީ އިތުބާރުކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ މުއައްސަސާއަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އދ.ގެ މައްޗަށް އޮންނަ އިތުބާރު ބިނާވެފައިވަނީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށެވެ. އެކަން ހާސިލުކުރެވޭނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި މުއާހަދާތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމަކީ އެ އިތުބާރު ގެއްލިގެންދާ މުހިންމު ސަބަބުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދަރަނި އިތުރުވުމަކީ އެ ޤައުމުތަކުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާއެކު، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކުރާ އުންމީދު ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވުމުގެ މުހިންމުކަމަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހުރިހާ ޤައުމެއްގެ އަޑުއަހާ، އަދި އެއްވެސް ޤައުމެއްގެ މުސްތަޤްބަލު އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަށް މަގުފަހިކޮށްދޭ ޖަމާޢަތެއްގެ ގޮތުގައި ދެމިއޮތުން މުހިންމު ކަމަށްވެސް މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ސުލްހަޔާއި އަދުލުއިންސާފު ޤާއިމުކުރުމަށާއި ކޮންމެ ދައުލަތަކަށްވެސް އަމިއްލަ މުސްތަޤްބަލު ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ދިވެހިރާއްޖެއިން ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް