ރަސްމާލެ މަޝްރޫޢުން ލިބޭ ޓީޖީއެސްޓީ ރިސޯޓަކަށްވުރެ އަށް ގުނަ އިތުރުވާނެ: މުއްޠަލިބް

ރަސްމާލެ މަޝްރޫޢުން ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ، ރިސޯޓެއް ހަދަން ދޫކުރާ ފަޅަކުން ލިބޭ މިންވަރަށްވުރެ އަށް ގުނަ އިތުރުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫޢު ފުރިހަމަވުމުން ކޮންމެ އަހަރަކު ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓަށް ވަންނާނެއެވެ. މިއީ އެ ސަރަޙައްދުގެ ކޮންމެ ހެކްޓަރަކަށް ބަލާއިރު އަހަރަކަށް ގާތްގަނޑަކަށް 680,000 ޑޮލަރެވެ.

ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން 99 އަހަރަށް ފަޅެއް ނުވަތަ ބިމެއް ދޫކުރާއިރު، އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެނީ 75 މިލިއަނާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއަކާއި، ކުލީގެ ގޮތުގައި އަހަރަކު ދެ މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ރަސްމާލެ މޮޑެލްގެ ދަށުން 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރަތަމަ މުޢާމަލާތުން ދައުލަތަށް 10 އިންސައްތަ ލިބޭނެ ކަމަށާއި، ޕްރޮޕަޓީތަކުގެ އޯނަޝިޕް ބަދަލުކުރާ ކޮންމެ މުޢާމަލާތެއް ކުރަންޖެހޭނީ ސަރުކާރާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢު ނިމުމުން، އަހަރަކު އެއް މިލިއަން ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކުރާނެ ކަމަށާއި، އޭގެ ސަބަބުން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގައި މައިގަނޑު ދެ ބާވަތެއްގެ ވިޔަފާރިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ސާފުކުރުމާއި މަރާމާތުކުރުމުގެ ޚިދުމަތްތަކާއި، ޕްރޮޕަޓީ މެނޭޖްމަންޓާއި، ރީޓެއިލް އަދި ކާބޯތަކެތީގެ ވިޔަފާރިތަކެވެ. ދެވަނަ ބާވަތަކީ މާލީ އަދި ފަންނީ ޚިދުމަތްތަކާއި، އެކައުންޓިންގ، ޑިޖިޓަލް، މެރިން، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ވިޔަފާރިތަކެވެ.

"ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓުގައި ތަރައްޤީކުރާ ރިސޯޓުތަކަށް ރަސްމާލެ މަޝްރޫޢުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި، އެ ވިޔަފާރިތަކަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަސްމާލެ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ސިންދަފާތުކުރުމުގެ މުހިންމު ފުރުޞަތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން 500 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢު ހިންގުމަށް، ޔޫއޭއީގެ އީގަލް ހިލްސްއާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން، ވޯޓަރފްރަންޓް އަދި މެރީނާއެއްގެ ގޮތުގައި ތަރައްޤީކުރާ މި ބިމުގައި 8,800 ޕްރޮޕަޓީ ޤާއިމުކުރާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް