ހދ. ކުމުންދޫގައި އަލަށް ޢިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ ޓައިބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ، މަޝްރޫޢުގެ އަދާހަމަ ހިއްސާކުރުމަށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މި މަޝްރޫޢަކީ ކުމުންދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު 2025 ވަނަ އަހަރުގެ މެއި މަހު ސޮއިކުރެވުނު، 27.26 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ މުއްދަތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އަޅަނީ 7،800 އަކަފޫޓުގެ ސަރަޙައްދެއްގައި، ދެ ބުރީގެ ޒަމާނީ ޢިމާރާތެކެވެ. އޭގެ އިތުރުން ބިންގަނޑު ކޮނުމާއި، މޭސަނަރީ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ކުލަލުމާއި، ދަގަނޑު މަސައްކަތްތައް ހިމެނެއެވެ. އަދި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީގެ އިތުރުން، ކަރަންޓު ވަޔަރިންގ މަސައްކަތާއި، މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ނިޒާމު ޤާއިމުކުރުމާއި، އަލިފާން ނިއްވާ ނިޒާމު ހަރުކުރުން ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. މަސައްކަތް ފައްޓަވައިދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ޢިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން، ކުމުންދޫގެ 1،515 އެއްހާ ރައްޔިތުންނަށް ރަށުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބި، އާދައިގެ ފަރުވާތަކަށް ކައިރި ރަށްރަށަށާއި މާލެއަށް ދަތުރުކުރަން ޖެހުމުން ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.




