މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވެ، އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން އޮތުމުގެ ސަބަބުން މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނު ކަމަށެވެ.
އެހެންކަމުން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް މިހާރު ވަނީ މާލޭ އާސަހަރާއަށް ބަދަލުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދަށް ބޯކޮށް ވާރޭވެހެމުންދާއިރު، މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބިމުގެ އަޑީގެ ފެންފަށަލަ ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ބޯކޮށް ވާރޭވެހިއްޖެނަމަ، ފެންބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ގިނައިން ދިމާވެއެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުތަކުގައިވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މީގެ ކުރިން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހާއި މާރިޗު މަހުވެސް ހުޅުމާލެ ސަހަރާގައި ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވެއެވެ.




