ލަންކާ ސަރުކާރުން ރާއްޖެއަށް 5 މިލިއަން ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ފަސް މިލިއަން ލަންކާ ރުޕީސްއަށްވުރެ ގިނަ އަގުހުރި އަސާސީ ބޭހުގެ ޝިޕްމެންޓެއް ހަދިޔާކޮށްފިއެވެ.

މި އެހީ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ކޮލޮމްބޯގައި ހުންނަ ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ.

މި ބޭހުގެ ޝިޕްމެންޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެހީއަކީ ރާއްޖޭގެ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ އެދިވަޑައިގަތުމަކާ ގުޅިގެން ހަމަޖައްސައިދިން އެހީތެރިކަމެކެވެ.

މި ބޭސް ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިންގ ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ސްރީ ލަންކާ ފާމަސޫޓިކަލް މެނުފެކްޗަރާސް އެސޯސިއޭޝަނުން ވަނީ ބައިވެރިވެ އެހީތެރިކަން ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ، ލަންކާ ސަރުކާރަށާއި ރައީސް އަނޫރާ ކުމާރާ ދިސާނަޔަކައަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި އަދި ގާތް ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖާސިންހަ އަދި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަސޭލާ ގުނަވަރްދަނާގެ އިތުރުން ސިއްޙީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

ކޮމެންޓް