އަންހެނަކަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިހާތަނަށް 9 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، އަޕާ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މައްސަލައިގައި މީގެ ކުރިން ވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައަކަށް ވާތީ، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި މާލެއިން ފޮނުވި ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން ދެއެވެ.

އަނިޔާލިބުނު ފަރާތްތަކުގެ ކަރާމާތާއި ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ހާދިސާ ހިނގި ރަށާއި ހައްޔަރުކުރެވުނު މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރިއެކްޝަންސް

ކޮމެންޓް