ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮފީ ހައްދައި ރަމްޒީ ތާރީޚުގެ ތެރެއަށް

އަމިއްލަ ދަނޑުގައި ކޮފީ ހެއްދުމަށް 2020 އިން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި، ސ. މީދޫ އަބްދުﷲ ރަމްޒީ (ޒުވާން ދަނޑުވެރިޔާ) ވަނީ ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ކޮފީ ހައްދައިފަ އެވެ. މިއީ މީގެ ކުރިން ޑްރެގަންފްރުޓާއި ކިއުކަމްބާ ފުޅާ ދާއިރާއެއްގައި ހެއްދުމަށް ފަހު، އޭނާގެ މައިގަނޑު ހަތަރު ހުވަފެނުގެ ތެރެއިން ހާސިލްކުރި ތިންވަނަ ކާމިޔާބީ އެވެ.

މި މަސައްކަތުގައި އެންމެ ފުރަތަމަ ޕާކިސްތާނުން ގެނައި ގަސް މާހައުލާ ނުގުޅި ނާކާމިޔާބުވި ނަމަވެސް، 2022 ގައި ސްރީ ލަންކާއިން ގެނައި ކުދި ގަސްތައް ބަންދު ތަނެއްގައި ބަހައްޓައިގެން ފަރުވާތެރިކަމާއެކު ބަލަހައްޓައި ރާއްޖޭގެ މާހައުލަށް ހޭނުވި އެވެ. އެ ގަސްތައް ގަދަ އަވީގެ ތެރެއަށް ނެރެވޭވަރު ވީ 2024 ގައެވެ. އަދި އަވީގައި ބަހައްޓައިގެން ވެސް މަހަކު އެއްފަހަރު ވެލީގެ ޕީއެޗް ބެލެންސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގަސްތަކުގައި މާ އަޅަން ފެށި އެވެ.

ގަސްތަކުގައި މާ އެޅުމަށް ފަހު ދިމާވި މާބުރު މަދުވުމުގެ މައްސަލަ ހައްލުކުރީ، ކޮފީ ގަސްތައް ކައިރީގައި މާބުރު ޝައުގުވެރިވާ ޒާތުގެ މާ ގަސްތަކެއް އިންދައިގެންނެވެ. މީގެ ސަބަބުން ގަސްތައް ޕޮލިނޭޓްވެ، މިހާރު ހަތް ގަހެއްގެ މާތައް ވަނީ ފުރިހަމަ ކޮފީ ބީންސްއަށް ބަދަލުވެފަ އެވެ.

ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި އެ ބީންސްތައް ރޯސްޓުކޮށް އަމިއްލައަށް ރަހަ ބަލައިލަން ރަމްޒީ ތައްޔާރުވަމުން އަންނައިރު، މިހާރު ހުރި ކޮންމެ ގަހަކުން އިތުރު 10 ގަސް އުފައްދައި، މި ކޮފީ ވިޔަފާރި އުސޫލުން މާކެޓަށް ނެރުމަކީ އޭނާގެ ދެން އޮތް ބޮޑު އަމާޒެވެ.

ރިއެކްޝަންސް

ކޮމެންޓް