ވަތަނީ ހިދުމަތުގެ ހަތަރު ވަނަ ބެޗުގައި ހިމެނޭ 352 ބައިވެރިންގެ ތަމްރީނުތައް ފަށައިފިއެވެ.
ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހަތަރު ވަނަ ބެޗްގެ ތަމްރީނުގެ އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބައިވެރިވެވަޑައިގެންނެވިއެވެ.
14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ޖުމުލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހެވެ.
މި ޕްރޮގްރާމަކީ ޒިންމާދާރު، އަގީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެކެވެ.
ރައީސް ވިދާޅުވީ، މި ބެޗްގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދޭ ކަމަށެވެ.
"ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ހިތްވަރު ދެން. ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް،". ރައީސް ވިދާޅުވިއެވެ.
އެ ތަމްރީން ފުރިހަމަކުރުމުން ސެޓްފިކެޓު 3 އިން ސިވިކް އެޑިއުކޭޝަން އެންޑު ލީޑަޝިޕާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރު ސެޓްފިކެޓާއި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް އަދި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.
ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ވަތަނީ ހިދުމަތުގެ ތަމްރީނަށް ފަހު، ފަންނީ ބައި ފުރިހަމަކުރަން ބ. ކިހާދޫއަށް ވަނީ ތިން ވަނަ ބެޗު ފުރައިފައެވެ. ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ގައުމަށް ހިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މި އަހަރު އެކަނި ވެސް 1،000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީންތައް ފުރިހަމަ ކުރާނެ ކަމަށް ބެލެވެއެވެ.




