ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ރަށްރަށުގައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ފެންހިންދުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅު ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ 100 އަށްވުރެ ގިނަ ގެއަކަށާއި ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެފައިވާއިރު، ނޮޅިވަރަމުގައި ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައިވެއެވެ. އެ ރަށު މަގުތަކުން ފެންހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ، އެ ތަންތަނުގައި ފުލުހުން ވަނީ ވެލިބަސްތާ ޖަހައިދީފައެވެ. ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވުމާ ގުޅިގެން، އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. އަދި ނޮޅިވަރަންފަރާއި ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާއެކު ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
ޅ. އަތޮޅުގެ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުން ދާތީ، މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ އެ ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތިން ރަށުގެ ކައުންސިލްތަކާއި ކުންފުނިތަކާ ގުޅިގެން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެންހިންދުމާއި، ފެންވަންނަމުންދާ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެއެވެ.
ބ. ކުޑަރިކިލަށް ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ، ގޭގެއަށާއި އެކި އިމާރާތްތަކަށް ފެން ވަދެފައިވާތީ، ކައުންސިލާއި މުއައްސަސާތައް ގުޅިގެން މިއަދު ހެނދުނު 09:30 ހާއިރު ވަނީ ފެންހިންދުމުގެ މަސައްކަތް ފަށާފައެވެ. ނ. ލަންދޫގެ ބައެއް ގެތަކަށް ފެންވަދެފައިވާތީ، އިތުރަށް ފެންވަނުން ހުއްޓުވުމަށް އެ ގެތަކުގެ ވަށައިގެން ވެލިބަސްތާ ޖެހުމުގައި ލަންދޫ ޕޮލިސް ޕޯސްޓުން ވަނީ އެހީތެރިކަން ދީފައެވެ.
މީގެ އިތުރުން، ހދ. ކުޅުދުއްފުށި ސިޓީއާއި ޅ. ނައިފަރު އަދި ހއ. ތަކަންދޫގައި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ކުޅުދުއްފުށީގައި ކައުންސިލާއި ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ތިން ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ނައިފަރުގެ ހަތަރު ސަރަހައްދެއްގައި ފެން ހިންދުމުގައި ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު، ހއ. ތަކަންދޫގައި ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ރަށު ކައުންސިލާ ގުޅިގެން، ފެންބޮޑުވެފައިވާ ސަރަހައްދުން މޫދަށް ކޯރެއް ކަނޑައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.




