ޓައިފޫން ޗަމްޕީ ޓައިވާނަށް އަރައި އެކަކު މަރުވެ، 350 މީހުން ޒަޚަމްވެއްޖެ

ބާރުގަދަ ތޫފާން "ޓައިފޫން ޗަމްޕީ" ޓައިވާނަށް އަރައި، އެކަކު މަރުވެ 350 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޓައިވާނުގެ ސެންޓްރަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ މި ތޫފާނުގައި މަރުވެފައިވަނީ ބުދަ ދުވަހު ޕިންގްޓުންގް ކައުންޓީގެ ލިއުކިއު ޓައުންޝިޕްގެ ގޮނޑުދޮށަކަށް އެރި ބިޔަ ރާޅުތަކެއްގައި ޖެހި އޮޔާދިޔަ ފިރިހެނެއް ކަމަށެވެ.

މި ތޫފާނާ ގުޅިގެން ޓައިވާނުގެ ސްކޫލްތަކާއި އޮފީސްތަކާއި ބާޒާރުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެއް ހާހެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނުރައްކާ ބޮޑު ސަރަޙައްދުތަކުން އެތައް ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

77،000 އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑުނު ނަމަވެސް، އޭގެ ތެރެއިން ގިނަ ގޭގެއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ޓައިވާނުގެ ކަރަންޓު ކުންފުނި، ޓައިޕަވާއިން ބުންޏެވެ.

ޓައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަން (ސީ.ޑަބްލިއު.އޭ) ގެ މޫސުމާ ބެހޭ މާހިރު ލިން ޕިންގް-ޔޫ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ހުރިހާ ސަރަޙައްދަކަށް ވެސް ވައިގަދަވެ، މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭތެރޭގައި ތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ހަފުތާގެ ކުރީކޮޅު ގަޑިއަކު ގާތްގަނޑަކަށް 300 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނު މި ތޫފާން، ފަހުން ވަނީ ތަންކޮޅެއް ބާރުދެރަވެފައެވެ. ހުކުރު ދުވަހު އެކަނިވެސް ޔީލާން ކައުންޓީއަށް 400 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ.

ޓައިވާނަށް ގެއްލުން ދިނުމަށްފަހު ޗަމްޕީ ދަތުރުކުރަމުން ދަނީ ޗައިނާއާއި ޖަޕާނާ ދިމާއަށެވެ. ޖަޕާނުގެ އޮކިނާވާ ކަރަންޓު ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރުފަހު އޮކިނާވާގެ 8،400 އެއްހާ ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ.

ރިއެކްޝަންސް

ކޮމެންޓް