މެންޗެސްޓަރ ޔުނައިޓެޑް ކުޑަކަކޫ މައްޗަށް ތިރިކުރި ޓީމު އިންޑޮނޭޝިއާގެ ވިޔަފާރިވެރިން ބިނާކުރީ ކިހިނެއް؟

އިންޑޮނޭޝިއާގެ ވިޔަފާރިވެރިން އިޓަލީގެ ހަތަރުވަނަ ޑިވިޝަނުން ގަތް ކޯމޯއިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް 1-4 އިން ބަލިކޮށް ބޮޑު ހައިރާންކަމެއް ގެނުވާފައެވެ. އޮކްޓޯބަރު 21 ވަނަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ކޯމޯގެ ނިކޯ ޕާޒް ދެ ލަނޑު ޖަހައި އިތުރު ލަނޑަކަށް އެހީތެރިވެދިންއިރު، އަނަސްތާސިއޯސް ދޫވިކާސް އަދި ހަކޯބޯ ރާމޯން ވެސް ވަނީ ލަނޑު ޖަހާފައެވެ.

މެޗު އެއްކޮށް ކޮންޓްރޯލްކުރި ކޯމޯއިން 594 ޕާސް ފުރިހަމަކުރިއިރު، މިއީ އެޕްރީލް 2019 ގައި ބާސެލޯނާއިން ދެއްކި ކުޅުމަށްފަހު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ޓީމަކުން މިހާ ގިނަ ޕާސް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ލައިޕްޒިގް އަތުން ވެސް 1-4 އިން މޮޅުވެފައިވާ ކޯމޯ ދަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް ބޮޑު ނުރައްކަލަކަށް ވަމުންނެވެ.

އެޕްރީލް 2019 ގައި އިންޑޮނޭޝިއާގެ މަހުޖަނު ހަރުތޯނޯ އާއިލާގެ (ޖާރޫމް ގްރޫޕް) ސެންޓް އެންޓަޓެއިންމަންޓުން ކޯމޯ ގަތްއިރު އެ ޓީމު އޮތީ އިޓަލީގެ ހަތަރުވަނަ ޑިވިޝަން (ސެރީ ޑީ) ގައެވެ. ނަމަވެސް، ހަލުވި ދުވެއްޔެއްގައި ކުރިއަރައި އެ އަހަރު ސެރީ ސީ އަށް، 2021 ގައި ސެރީ ބީ އަށް އަދި 2024 ގައި ސެރީ އޭ އަށް އެ ޓީމު ޕްރޮމޯޓްވިއެވެ. އޭގެ ދެ ސީޒަން ފަހުން ސެރީ އޭ ގެ ހަތަރުވަނަ ހޯދައި، އެންމެ ހަތް އަހަރުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުން އެ ޓީމު ވަނީ ފުރުސަތު ހޯދައިފައެވެ.

ފޯބްސްގެ 2025 ވަނަ އަހަރުގެ ހިސާބުތަކުން 43.8 ބިލިއަން ޑޮލަރާއެކު އިންޑޮނޭޝިއާގެ އެންމެ މުއްސަނދި ބޭފުޅުންގެ ގޮތުގައި ހިމެނުނު ދެބެއިން ކަމަށްވާ ރޮބަޓް ބުދީ ހަރުތޯނޯ އާއި، މާޗް 2026 ގައި އަވަހާރަވި މައިކަލް ބަމްބަންގް ހަރުތޯނޯގެ އިތުރުން ކްލަބުގެ ރައީސް މިރުވާން ސުވަރުސޯ އަންނަނީ ކޯމޯގެ މެނޭޖްމަންޓުގައި މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.

މާލީ ގޮތުން ބަލާއިރު، އިނގިރޭސިވިލާތުގައި ހުންނަ ކޯމޯގެ މައި ކުންފުންޏަށް ގާތްގަނޑަކަށް 390 މިލިއަން ޔޫރޯ ވަނީ އިންވެސްޓްކޮށްފައެވެ. ޖޫން 2025 ގެ ނިޔަލަށް ނިމުނު މާލީ އަހަރު 132 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބުނު ނަމަވެސް، އެ އަހަރުގެ ތެރޭގައި ވެރިން ވަނީ އިތުރު 167 މިލިއަން ޔޫރޯ ކްލަބަށް ލައްވައިފައެވެ.

އަދި 83،000 އެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮންނަ ސިޓީއަކަށް ވުމުން، އާމްދަނީ އިތުރުކުރުމުގެ ގޮތުން ކޯމޯ ކޯރު ބަލަން އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ފުޓުބޯޅައާއި ފަތުރުވެރިކަން އެކުލެވޭ މަތީ ފަންތީގެ ޚިދުމަތްތަކެއް ތައާރަފުކޮށްފައިވެއެވެ.

ދަނޑުމަތީގެ ކުރިއެރުމަށް ބަލާއިރު، 2023 ގެ ފަހުކޮޅު ވަގުތީ ކޯޗެއް އަދި ޑިވެލޮޕްމަންޓް ވެރިޔާގެ ގޮތުގައި އައްޔަންކުރި އޮސިއަން ރޮބަޓްސްގެ އެހީގައި ޕްރޮފެޝަނަލް ސަގާފަތެއް ބިނާކުރިއެވެ. އަދި ޒުވާން ކޯޗު ސެސްކް ފެބްރެގަސްއަށް ފުރިހަމަ އިތުބާރު ދިނުމުގެ އިތުރުން، ކުޅުންތެރިން ގެނައުމަށް "އަޕަރ ހައުސް" ނަމަކަށް ކިޔާ ކޮމިޓީއަކާއި ޑޭޓާ ސްކްރީނިންގ ނިޒާމެއް ގާއިމުކުރިއެވެ. މީގެ މޮޅު މިސާލަކީ 2024 ގައި ރެއާލް މެޑްރިޑުން ގާތްގަނޑަކަށް 6 މިލިއަން ޔޫރޯއަށް ގެނައި ނިކޯ ޕާޒްގެ އިތުރުން މާޓިން ބަޓުރީނާ އަދި ޖޭޑަން އަޑާއީ ފަދަ ޒުވާނުންނަށް ކުރި އިންވެސްޓްމަންޓެވެ. މިގޮތުން މެޗުގެ 24 ގަޑިއިރު ކުރިން ފަބްރެގަސްގެ ޕްލޭނާއި ޑޭޓާ ޓީމުގެ ލަފާތައް އަޅާކިޔައިގެން ނިންމުންތައް ނިންމުމުގެ ނަތީޖާއަކަށްވީ، މެންޗެސްޓަރ ޔުނައިޓެޑް ފަދަ ވަރުގަދަ ކްލަބްތައް ބަލިކުރެވޭ ފަދަ ފުރިހަމަ ޓީމެއް ބިނާވެގެން ދިއުމެވެ.

ރިއެކްޝަންސް

ކޮމެންޓް