ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، މިއަދު ހަވީރު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ރައީސް އާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައި ވަނީ ވަކިވަކީންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފަ އެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޢާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުރީފު ކުރައްވާފަ އެވެ.
މި މަޝްވަރާތައް ބިނާކުރެއްވީ، ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މިގޮތުން، ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމަޢުތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.




