މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިދިޔަ 24 ގަޑިއިރު ތެރޭ ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް ވަނީ 90.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މެޓުގެ ރެކޯޑުތަކުން ދައްކައެވެ. މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އިއްޔެ އިރުއޮއްސުނު ފަހުން މާލެ ސަރަހައްދަށް ގިނައިރުތަކެއް ވަންދެން މެދުނުކެނޑި ވާރޭވެހި، މާލޭގެ މަގުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވިއެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްތަކަށް ވެސް ވިއްސާރަކޮށް، އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.
މެޓުން ލަފާކުރާ ގޮތުގައި، މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ.
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.




