ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށްޓަކައި، ޒިހާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ، މިއަދު އޭނާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ. ޒިހާންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
ޒިހާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުވައްމުލައް ސިޓީންނެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށް، އޭނާގެ ފޭސްބުކް އެކައުންޓުން އިނގިރޭސި ބަހުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.
އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ލިޔުނު ޕޯސްޓެއްގައި ޒިހާން ބުނީ، އެއްވެސް ތަނެއްގައި ރޯކުރަން ނޫޅޭ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގައި ބަޔާންކޮށްފައިވާ ގޮތުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ބޮޑު ޖިނާއީ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރި ޒިހާން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި މަސައްކަތްކުރިއެވެ. އޭނާ ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން، މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، 2024 ވަނަ އަހަރުގެ ތެރޭގައި އެ މަގާމުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ.




