ސިވިލް ކޯޓުގެ ޤާޟީ އިޙްސާން އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ޤާޟީ އިޙްސާން މިއަދުން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި، އެކަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އޭނާ ޤާޟީކަމުގެ މަޤާމުން ވަކިވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޤާޟީ އިޙްސާން އިސްތިއުފާ ދެއްވީ، އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީގެ ތަޙްޤީޤީ ކޮމިޓީން ނިންމާފައިވަނިކޮށެވެ. ސަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ނިންމުން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

ޤާޟީ އިޙްސާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަޙްޤީޤަށް ހުރަސް ނޭޅުމަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި، ޖޭއެސްސީން ވަނީ އޮގަސްޓް 19 އިން ފެށިގެން 60 ދުވަހަށް އޭނާ ސަސްޕެންޑްކޮށްފައެވެ.

ބައެއް މީޑިއާތަކުން އެ ސަސްޕެންޝަން، ސިވިލް ކޯޓަށް ހުށަހެޅި ލެގޫންސް ސްޕޯޓްސް ކްލަބާ ގުޅޭ މައްސަލަތަކާ ގުޅުވައި ރިޕޯޓުކުރި ނަމަވެސް، ޖޭއެސްސީން ބުނީ އޭނާ މަސައްކަތުން ދުރުކުރީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް