22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބަޔަކު 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ، އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ކުޑަކުދިންތަކެއް ހިމެނޭތީ، މި ޙާދިސާ ހިނގާފައިވާ ރަށް ފުލުހުން ވަނީ ސިއްރުކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް