ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރަޕިއުޓިކް ފަރުވާގެ ޚިދުމަތްތަކަށް ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނި 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައިދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު ޖުމްލަ 324 ފަރާތަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި 310 ކުޑަކުދިން ހިމެނެއެވެ.
އަދި އެ އޭޖެންސީގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ 157 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާގެ އެހީ ވަނީ ދީފައެވެ. މިދިޔަ މަހު ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ޖުމްލަ 4,834,087 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ތެރަޕީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެގޮތުން ބިހޭވިއާ ތެރަޕީއަށް 1,561,780 ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރި އޮކިއުޕޭޝަނަލް ތެރަޕީއަށް 1,237,366 ރުފިޔާ ހޭދަކުރިއިރު، ސްޕީޗް ތެރަޕީއަށް 1,207,649 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން އެޑިއުކޭޝަނަލް ތެރަޕީއަށް 748,400 ރުފިޔާ، އިންޓަވެންޝަނަށް 32,500 ރުފިޔާ، ފިޒިއޯތެރަޕީއަށް 24,492 ރުފިޔާ އަދި ސައިކޯ ތެރަޕީއަށް 21,900 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ފަރުވާ ހޯދި ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައީ 18 އަހަރުން ދަށުގެ ފިރިހެން ކުދިންނެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިފަދަ އަސާސީ އަދި މުހިންމު ފަރުވާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަކީ، އާއިލާތަކަށް އެހީތެރިވުމުގެ މަގުސަދުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެންސްޕާއިން ބުނެއެވެ.




