އެމްޓީސީސީގެ އެއާޕޯޓު މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓު: ސައުދީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ އެއާޕޯޓު މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމި ޚިދުމަތަށް ގެނެވޭނީ ފ. މަގޫދޫ އެއާޕޯޓު ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސައުދީ ވިދާޅުވީ، މަގޫދޫ އެއާޕޯޓާއެކު ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، ގުރައިދޫ އެއާޕޯޓުގެ މަސައްކަތުން އެމްޓީސީސީއާ ހަވާލުކުރި ބައި ނިމި، އެ މަސައްކަތް މިހާރު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މަކުނޫދޫ އެއާޕޯޓުގެ މަސައްކަތް ފެށުނީ އަދި ކަމަށާއި، އަލިފުށީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކަންޖެހޭތީ، އެ މަސައްކަތް ފެށޭނީ އައު ޑްރެޖަރާއެކު ކަމަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖެހުނު ނަމަވެސް، މި ދައުރުގެ ތެރޭގައި ނިންމައި ޚިދުމަތަށް ގެންނާނެ ކަމުގެ ޔަޤީންކަން ސައުދީ ދެއްވިއެވެ. އެ އެއާޕޯޓުގެ ފަޔަރ ބިލްޑިންގގެ ހުރިހާ މަސައްކަތަކާއި ޓާމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 30 ހެކްޓަރުގެ ބިން ހިއްކައިގެން 1,500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ. މީގެ އިތުރުން، ރަށުގެ ސިނާޢީ އަދި އިޖުތިމާޢީ ބޭނުންތަކަށް ބިން އިތުރުކުރުމާއެކު، ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ.

މަގޫދޫ އެއާޕޯޓުގެ ހިންގުން ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އާ ހަވާލުކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް