އަންހެން ކުދިންގެ ހައްޤުތައް ކަށަވަރުވެފައިވާ އިންސާފުވެރި މުޖުތަމަޢެއް ބިނާކުރަން މިނިސްޓަރު ގީލާ ގޮވާލައްވައިފި

އަންހެން ކުދިންގެ ހައްޤުތައް ކަށަވަރުވެފައިވާ އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. އެ މެސެޖުގައި ދިވެހި އަންހެން ދަރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މިނިސްޓަރު ވަނީ އަރިސްކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެން ކުދިންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެ ގޮންޖެހުންތައް ގިރާކޮށް، ތަޢުލީމީ ރޮނގުންނާއި ޒަމާނީ ޓެކްނޮލޮޖީ، ކުޅިވަރާއި ވިޔަފާރީގެ ދާއިރާއިން ދިވެހި އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކަކީ މުޅި ޤައުމުވެސް ފަޚުރުވެރިވާ ފަދަ ކަންކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކުދިންގެ ކިބައިގައިވާ ސާބިތުކަމާއި ކެތްތެރިކަމާއި ވަރުގަދަ އަޒުމަކީ މުޅި ޤައުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ ޤައުމީ އެކްޝަން ޕްލޭން" ފުރިހަމައަށް ތަންފީޒުކުރުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮންމެ ކުއްޖަކަށްވެސް އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، އަންހެން ކުދިންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދީ، އެކުދިންގެ ޤާބިލުކަމާއި ހުނަރުވެރިކަން އެންމެ މަތީ ދަރަޖައަށް ފާޅުކުރެވޭނެ ފަދަ އޯގާތެރި މާހައުލެއް ޤާއިމުކުރުމަށް ހުރިހާ ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް