ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ "މަނަސް ހަބް" ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ޚާއްޞަކޮށް ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި "މަނަސް ހަބް" ގެ ނަމުގައި ޚާއްޞަ މަރުކަޒެއް އެ ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އިއްޔެ މި މަރުކަޒު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޖޭ ޑި އެފެއާޒް ކޮންޑޯ ޝުންސުކޭ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަރުކަޒަކީ ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މުޖުތަމަޢުގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި މަރުކަޒު ގާއިމުކޮށްފައިވަނީ ކައުންސިލުންނެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ހަބަކީ އާންމު ހޮސްޕިޓަލް ނުވަތަ ކްލިނިކަލް މާހައުލުތަކާ މުޅިން ތަފާތުކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު އަމާޒަކީ ނަފްސާނީ މައްސަލަތައް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

ނަފްސާނީ ޞިއްޙަތާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢު ދެކޭ ނުބައި ގޮތްތައް ނައްތާލުމަކީވެސް މި މަރުކަޒުގެ މަޤްޞަދެވެ. އިތުރު ފަރުވާއަށް އެދޭ ހާލަތްތަކުގައި ފަންނީ ޚިދުމަތްތެރިންނާ ގުޅުވައިދިނުމަށްވެސް މި ހަބުން މަގުފަހިކޮށްދޭނެއެވެ.

މަރުކަޒުގެ ޚިދުމަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. މިހާރު ފެށިފައިވާ ފުރަތަމަ މަރުޙަލާ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. ދެވަނަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

"މަނަސް ހަބް" ގެ ހުރިހާ ޚިދުމަތްތަކެއް ކުރިއަށްދާނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނޮލެޖް، ކަލްޗާ އެންޑް ވެލްބީއިންގ ޔުނިޓުގެ ބެލުމުގެ ދަށުންނެވެ.

ރިއެކްޝަންސް

ކޮމެންޓް