އެމެރިކާއިން އިސްނަގައިގެން ރަޝިޔާއާއި އޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ސުލްހައިގެ އައު މަޝްވަރާތަކެއް ބޭއްވުމަށް އިއުލާނުކޮށްފައިވަނިކޮށް، އޫކްރެއިންގެ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން ވަރުގަދަ މިސައިލް ހަމަލާއެއްގައި 26 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ރަޝިޔާގެ ހަމަލާ އަމާޒުވެފައިވަނީ އާންމުންނަށް ކެއިންބުއިމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ މަރުކަޒަކަށާއި އެ ސަރަހައްދުގައިވާ އާންމުންގެ އިމާރާތްތަކަށެވެ. މަރުވި މީހުންގެ ތެރޭގައި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އިންސާނީ އެހީތެރިންނާއި، އެހީ ހޯދުމަށް ކިއުގައި ތިބި އާންމު ރައްޔިތުން ހިމެނެއެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދެ ގައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ސުލްހައިގެ އައު ބުރުގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަން އިއުލާނުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިޔާގެ މި އަމަލަކީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅުމަށާއި އާންމުންނަށް ބިރުދެއްކުމަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުެއެޅުމަށް ގޮވާލައްވާފައެވެ.
އެމެރިކާއިން ވަނީ މި ހަމަލާ ކުށްވެރިކޮށް، އިންސާނީ އެހީދޭ މަރުކަޒުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް، ސުލްހައިގެ މަޝްވަރާތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެމެރިކާއިން ބުނެއެވެ.



