ހުޅުޖަހަން ގޮވާލި މައްސަލައިގައި ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް ކޯޓުން އިތުރު 14 ދުވަސް ދީފިއެވެ.

ހައްޔަރުކޮށް ފުރަތަމަ ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު ކޯޓަށް ހާޒިރުކުރުމުން، ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ދީފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޒިހާން ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ހިތްވަރުދީ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި މުޒާހަރާގެ ބައިވެރިން ހުޅުޖެހި ހަބަރު ހިއްސާކުރަމުން ލިޔުނު އެ ޕޯސްޓުގައި، ރާއްޖޭގެ މި ތިން އިމާރާތުގައި ހުޅުނުޖަހަނީ ކީއްވެތޯ ސުވާލުކޮށް، އެކަން ކުރަން މަޖާވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެ ޕޯސްޓު ކުރިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.

ޒިހާންއަކީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އެމްއެންޑީއެފުން އޭނާ ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުއެވެ. މި ސަރުކާރުން އޭނާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް ފަހުން އެ މަގާމުން ވެސް ވަކިކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް