ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތަށް ހެލްތު މިނިސްޓްރީއަށް އޭއޭއޭއެޗް އެވޯޑު

ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް، ހެލްތު މިނިސްޓްރީއަށް އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) އެވޯޑު ލިބިއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑު ލިބުނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ. އެގޮތުން، މި އެވޯޑާ ހަވާލުވެވަޑައިގަތީ ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މި އެވޯޑު ލިބުނު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ޝަރަފުވެރި ކާމިޔާބީއަކީ ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް މެދުކެނޑުމެއްނެތި ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ދުންފަތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް މިދިޔަ އަހަރުގެ މެއި 29 ގައި ވަނީ ލިބިވަޑައިގެންފައެވެ.

ރިއެކްޝަންސް

ކޮމެންޓް