ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންފިއެވެ.
ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ. މި އިންތިޚާބު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާރތުގައި ހުންނަ މަރޑޮކް ޔުނިވަރސިޓީގައި މި މަހުގެ 5 ވަނަ ދުވަހު ބޭއްވި އައިއޭޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައެވެ.
މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށާއި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ބޮޑު ބައިނަލްއަޤްވާމީ ފަޚުރެއް ކަމުގައި އެމްއެންޔޫއިން ދެކެއެވެ. އަދި މީގެ ސަބަބުން މަތީ ތަޢުލީމުގެ މުސްތަޤުބަލާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތައް ދުނިޔެއަށް ހާމަކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ކާމިޔާބީއާ ގުޅިގެން ޑރ. ޝެހެނާޒް ވަނީ އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރުއަދާކުރައްވައި، އައިއޭޔޫގެ މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) އަކީ 1950 ވަނަ އަހަރު ޔުނެސްކޯގެ ބެލުމުގެ ދަށުން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މިއީ ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމަކުން މަތީ ތަޢުލީމު ފޯރުކޮށްދޭ ގާތްގަނޑަކަށް 600 މުއައްސަސާއެއް ތަމްސީލުކުރާ މުހިންމު ޕްލެޓްފޯމެކެވެ.
މި ޖަމްޢިއްޔާ ހިންގުމުގެ ކަންކަން ބަލަހައްޓައި، އޭގެ ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައި އިސް ދައުރެއް އަދާކުރަނީ އެޑްމިނިސްޓްރޭޓިވް ބޯޑުންނެވެ.




