ހިޔާވަހި ލޯނު ކުޑަވާ މައްސަލަ ބައްލަވައި، ޓޮޕްއަޕް ކުރެވޭނެތޯ ބައްލަވާނަން: ރައީސް

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރި ލޯނު ކުޑަވެގެން ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމާ ގުޅިގެން، އޮންނަ އުސޫލުގެ ތެރެއިން ލޯނު ޓޮޕްއަޕް ކުރެވޭނެ ގޮތް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި ރައްޔިތަކު ބުނީ، ހިޔާވަހި ސްކީމްގެ ދަށުން ލޯނު ހަމަޖެހުނު ނަމަވެސް ގެދޮރު އިމާރާތްކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ރަށްރަށުގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެޕްލައިކޮށްގެން ލިބުނީ 650،000 ރުފިޔާ ކަމަށް އޭނާ ބުންޏެވެ.

މި ކަމާ ގުޅިގެން ރައީސް ވިދާޅުވީ، މީގެ ކުރިން މިފަދަ ކަމެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާއި، މިކަން ހިނގާފައި މިވަނީ އެމަނިކުފާނު ކަނޑައެޅުއްވި ނުވަތަ ވިސްނަވާފައި އޮތް ގޮތަށް ނޫން ކަމަށެވެ.

"އެއް މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. ހަ ލައްކަ ރުފިޔާއިން ނުނިންމޭނެ ކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް،" ރައީސް ވިދާޅުވިއެވެ.

ހިޔާވަހި ސްކީމުގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެއެވެ. ރަށްވެހި ފައިނޭންސިން ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް، ސަހަރު ފައިނޭންސިން ސްކީމްގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް، އަދި ފަހިމާލެ ފައިނޭންސިން ސްކީމްގެ ދަށުން ހަ މިލިއަން ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް ލޯނު ދޫކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް