ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރުގެ "ހެލްތު އެންޑް ފެމިލީ އެކްސްޕޯ" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަސްރަތުކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން، އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ބަދަހިކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި، ފުރިހަމަ ސިއްޙަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކްސްޕޯގެ ބޭނުމަކީ ސިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިއަހަރުގެ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެފައިވާއިރު، ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިއީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ދުވާލަކު 10,000 ހާ މީހުން ޒިޔާރަތްކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




