ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، އެ ދެ ސިޓީގެ ފެނުގެ ހާލަތު ބައްލަވައި، ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ކަންކަމަށް މިހާރު އެ ސަރަޙައްދަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުގައި އައްޑޫއާއި ފުވައްމުލަކުން އެމްޑަބްލިޔުއެސްސީގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނާ ބައްދަލުކުރުމާއެކު، ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ.
ފަހުމީ ވިދާޅުވީ، މީގެ ކުރިން އެ ދެ ސިޓީގައި ފެނުގެ ޚިދުމަތް ދެމުންދިޔަ ގޮތާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެމްޑަބްލިޔުއެސްސީން މި ޚިދުމަތާ ހަވާލުވުމާއެކު ރައްޔިތުންގެ ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށެވެ. އަދި ވެރިރަށް މާލެއާ އެއް ފެންވަރެއްގެ ފެނުގެ ޚިދުމަތެއް އެ ދެ ސިޓީއަށްވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވިއެވެ.
އެގޮތުން މުވައްޒަފުން ތަމްރީނުކުރުމާއި، މިހާރު ބޭނުންކުރާ މެޝިނަރީތައް ރެގިއުލޭޓްކޮށް ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މީގެ ކުރިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެން، އެ ދެ ސިޓީގެ ފެނުގެ ޚިދުމަތާ މިހާރު ރަސްމީކޮށް ހަވާލުވެފައިވަނީ އެމްޑަބްލިޔުއެސްސީއެވެ.




