ކޮމްސެކްގެ 42 ވަނަ ސެޝަންގައި ސްޓޭޓް މިނިސްޓަރު ޒާމިރު ތަޤުރީރުކުރައްވައިފި

ސްޓޭންޑިންގ ކޮމިޓީ ފޮރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 42 ވަނަ މިނިސްޓީރިއަލް ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރު ތަޤުރީރުކުރައްވައިފިއެވެ.

މި ސެޝަން ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ސްޓޭޓް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވިޔަފާރިތަކަށް ލުއި ގޮތްތަކެއްގައި މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމާއި، މެންބަރު ޤައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް