ޤައުމީ ތަރައްޤީގައި ޤައުމުތަކުގެ އަމިއްލަ މިސްރާބާއި ވިލުންތެރިކަން މުހިންމު: ނައިބު ރައީސް

މެންބަރު ޤައުމުތަކުން އަމިއްލަ ތަރައްޤީގެ މިސްރާބު ކަނޑައަޅައި، ޤައުމީ މަޞްލަޙަތަށް އިޙްތިރާމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޤާބިލުކަން އިތުރުކުރަންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރުމާއެކު ކޮންމެ މެންބަރު ޤައުމަކަށްވެސް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އިތުރުކުރުމަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ވަގުތީ ބޭނުންތަކުގެ މައްޗަށް އެކަނި ބަރޯސާނުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ޤައުމަކަށްވެސް ތަރައްޤީގެ މިސްރާބު އަމިލައަށް ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަންޖެހޭނެ ކަމަށެވެ.

މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤައުމުތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮމަންވެލްތު އިތުރަށް ވަރުގަދަވެގެންދާނީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެގެން ކުރިއެރުމަށް މަގުފަހިވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއިން ކަނޑައަޅާފައިވާ ދުރުރާސްތާގެ ތަރައްޤީގެ އަމާޒުތަކަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށާއި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިޤުތިޞާދު ޖީ.ޑީ.ޕީ ގެ 15 އިންސައްތައަށް ހެދުމަށް އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ހަކަތައިގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުން ކަމަށާއި، ޚާއްޞަކޮށް ޒުވާނުންނަށް ހުނަރާއި ޢިލްމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރުވައިގަތުމަށް، ކޮމަންވެލްތުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް