އޮކްޓޫބަރު މަހު ވައްކަމުގެ 264 މައްސަލަ ފުލުހަށް

މިދިޔަ އޮކްޓޫބަރު މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އޮކްޓޫބަރު މަހު ފުލުހުންނަށް ޖުމްލަ 967 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ވައްކަމުގެ 264 މައްސަލަ ހިމެނޭއިރު، މިއީ ސެޕްޓެމްބަރު މަހު ރިޕޯޓުކުރި ވައްކަމުގެ 278 މައްސަލައާ އަޅާބަލާއިރު ދަށްވުމެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އޮކްޓޫބަރު މަހު އެކްސިޑެންޓުގެ 221 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 224 މައްސަލައެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅޭ 183 މައްސަލަ ވެސް މިދިޔަ މަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އޮކްޓޫބަރު މަހު ފުލުހުންނަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި ތަކެތި ގެއްލުމުގެ 80 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 70 މައްސަލަ، އަނިޔާކުރުމުގެ 59 މައްސަލަ، ޖިންސީ ގޯނާގެ 33 މައްސަލަ، ގެވެށި އަނިޔާގެ 22 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 18 މައްސަލަ، ފޭރުމުގެ 10 މައްސަލަ އަދި ފޯޖްކުރުމުގެ 7 މައްސަލަ ހިމެނެއެވެ.

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޝަންސް

ކޮމެންޓް